ކައުންސިލުން ދޭ ޚިދުމަތްތައް

ކައުންސިލުން ދޭ ޚިދުމަތްތައް މަތީގައި ބަޔާންކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކާ އެއްގޮތްވާގޮތުގެ މަތިން، މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި ކައުންސިލުން ތިރީގައިވާ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 42 ވަނަ މާއްދާއިން ލާޒިމުކޮށްފައިވެއެވެ.
ހ. ރަށުގެ މަގުހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން
ށ. އެކަށީގެންވާ ރައްކާތެރިގޮތެއްގައި ރައްޔިތުންނަށް އުނދަގޫ ނުފޯރާނެ ގޮތުގެ މަތިން ރަށު ފެންވަރުގައި ކުނި ނައްތާލުން
ނ. ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާއި ފެރީ ޓާރމިނަލް ހަދައި ހިންގުން.
ރ. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށް ގިރުން ހުށްޓުވުމަށްޓަކައި ފިޔަވަޅުއެޅުމާއި ރަށުގެ އެއްގަމު ތޮށްޓާއި ކަ ނޑުތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުން.
ބ. ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ކަރަންޓާ، ފެނާ، ފާޚާނާއާއި ނަރުދަމާގެ ނިޒާމްފަދަ އާއްމު ޚިދުމަތް ހިންގާ ބެލެހެއްޓުން.
ޅ. ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ޕްރައިމެރީ ހެލްތް ކެއަރއާއި ސިއްޙީ ރައްކާތެރިކަމާގުޅޭ އަސާސީ ޚިދުމަތްތައް ދިނުން.
ކ. ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ޕްރީ ސްކޫލްގެ ޚިދުމަތް ދިނުމާއި، ބޮޑެތި މީހުންގެ ތަޢުލީމީ އަދި ފަންނީ ފެންވަރުމަތި ކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
އ. ރަށުގެ ލައިބްރަރީ ހިންގުމާއި ރަށުގެ ރަސްމީ ލިއުންތައް އަރްޝީފްކުރުމާއި ރަށުގެ ތާރީޚީ އަދި ޤަދީމީ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު، ލައިބްރަރީގައި ބެލެހެއްޓުމާއި ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި ލައިބްރަރީން އެކިއެކި މަޢުލޫމާތު ލިބޭނެ އިންތިޒާމް ޤާއިމް ކުރުން.
ވ. އިޖުތިމާޢީ މަރުކަޒްތަކާއި، ކުޅިވަރުކުޅޭ ޢާންމު ދަ ނޑުތަކާއި ބިންތައް ބެލެހެއްޓުމާއި ކުޅިވަރުގެ ވަސީލަތްތަކާއި ޢާއްމު ޕާރކުތަކާއި މުނިފޫހިފިލުވުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން.
މ. ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތް ދޭނެ މަރުކަޒު ހިންގުމާއި ގޭތެރޭގަ ހިނގާ އަނިޔާތައް ހުށްޓުވުމަށް ފިޔަވަޅުއެޅުމާއި އެފަދަ ޢަމަލުތަކާ ގުޅިގެން އަނިޔާ ލިބޭފަރާތްތަކަށް ޙިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިނުމާއި މުސްކުޅިންނަށާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދީ އެފަދަ މީހުން ބެލެހެއްޓޭނެ ނިޒާމެއް ޤާއިމު ކުރުން.
ފ. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަދި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ ތަޢާރު ޟްނުވާ ގޮތުގެ މަތިން، ރަށުން ބިން ދޫކުރުމާއި ބިމާ ޢިމާރާތް ރަޖިސްޓްރީ ކުރުމާއި ދިވެހިރާއްޖޭގެ އިމާރާތް ކުރުމުގެ ގަވާއިދުތަކާއި ސަރުކާރުގެ މިނިސްޓރީތަކުން ހަދާފައިވާ އެންމެހާގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ރަށުގައި އިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި އެކިއެކި ފަރާތްފަރާތުން ރަށުގެ ބިމާ ގުޅޭ ގޮތުން ހިންގާ ބިމާބެހޭ އެންމެހައި މުޢާމަލާތްތަކުގެ ރެކޯރޑްތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މިނޫންވެސް ޤާނޫނުތަކުގައިވާ ގޮތުގެ މަތިން ބެލެހެއްޓުން
ދ. ރަށުގެ ބިންބިމުގެ ދަފްތަރު އެކުލަވައި އެދަފްތަރު ބެލެހެއްޓުމާއި ބިމާއި ބެހޭ ޤައުމީ ދަފްތަރު އެކުލަވައި ބަލަހައްޓާ އިދާރާއަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން. )
ތ. މިސްކިތްތައް ބެލެހެއްޓުން.
ލ. ޤަބުރުސްތާން ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންތައް ކުރެވޭނެ ނިޒާމް ޤާއިމްކޮށްދިނުމާއި، ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން.
ގ. އާސާރީ ތަންތަން ބެލެހެއްޓުމާއި ޡަޤާފީ ކަންކަން ދިރުވައި ދެމެހެއްޓުން.
ޏ. ދީނީ ގޮތުންނާއި ޤައުމީ ގޮތުން ފާހަގަ ކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކޮށް، ދީނީ އަދި ޤައުމީ އިޙްތިފާލްތައް ބޭއްވުން.
ސ. މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުން.
ޑ. ރޭގަނޑު މަގުމަތި ދިއްލައި ބެލެހެއްޓުން.
ޒ. ޕެސްޓް ކޮންޓްރޯލް ކުރުން
ޓ. ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައާއި ހާދިސާތަކުގައި އެހީތެރކަން ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކުރުން.
ޔ. ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން، ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކާއި ގެސްޓްހައުސްތަކާއި ޢާންމު މާރުކޭޓުތަކުގެ ކަންކަން، ހުރޭތޯ ބަލައި، އިސްލާޙީ ފިޔަވަޅު އެޅުން.
ޕ. މަގުމަތީގައި މީހުން ހިނގައިއުޅުމާއި މަގުމަތީގައި އިންޖީނުލީ އެއްޗެއްސާއި، އިންޖީނުނުލާ އެއްޗިހި ދުއްވުމުގެ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އިންތިޒާމްކޮށް ބެލެހެއްޓުމާއި، ޢާންމުންގެ އަތުން ފީނަގައިގެން، އެއްގަމާއި ކަ ނޑުގައި ދުއްވާ އުޅަނދުފަހަރުން ދޭ ޚިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމްކޮށް ބެލެހެއްޓުން.
ޖ. ޝަރުޢީ ކޯޓުތަކުން ކުރާ ޙުކުމްތައް ތަންފީޛްކުރުމުގައި ޝަރުޢީ ކޯޓުތަކަށާއި ސަރުކާރުގެ އިދާރާތަކަށް އެހީތެރިވެދިނުން
ޗ. ރަށުކައުންސިލްގެ ބާރުގެ ދާއިރާގައި ހިމެނޭ ކަންކަމާ ގުޅޭގޮތުންނާއި އެކިއެކި ޤާނޫނުތަކުގެ ދަށުން ރަށު ކައުންސިލާ ޙަވާލުކޮށްފައިވާ ކަންކަމާ ގުޅޭގޮތުންނާއި ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ކައުންސިލް މެދުވެރިކޮށް ދޫކުރަން ކަ ނޑައަޅާ ހުއްދަތައް ދޫކުރުމާއި، އެފަދަ ހުއްދަތައް ބާޠިލްކުރުމާއި، ރަޖިސްޓްރީ ހަދައިދިނުމާއި ބާޠިލް ކުރުން.
ހހ. އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑް ބެލެހެއްޓުމާއި ރަށުގެ ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެރަށެއްގެ ރެޖިސްޓްރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހި ނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން.
ހށ. ރަށުކައުންސިލުން ދޭންޖެހޭނެ ކަމަށް އެކިއެކި ޤާނޫނުތަކުގެ ދަށުން ކަ ނޑައަޅާ މިނޫންވެސް ޚިދުމަތްތައް ދިނުން.