މިނިވަން ޗެމްޕިއަންޝިޕް 2017 ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގައި ވާދަކުރުމަށް މިދިޔަ އަހަރުގެ ޗެމްޕިއަން އޭދަފުށީ ފުޓްބޯޅަ ޓީމު ކުޅުދުއްފުއްޓަށް މިއަދު ފުރައިފި އެވެ. އޭދަފުށީ ހިމެނޭ ގްރޫޕްގެ މެޗުތައް ކުޅުދުއްފުށީގައި ކުޅޭއިރު މި ގްރޫޕުގައި ދެން ހިމެނެނީ ށ. މިލަންދޫއާއި އއ. މާޅޮހެވެ.
މިއަދު ފުރި ޓީމުގައި އަލަށް ގުޅުނު ކުޅުންތެރީންނާއި މިދިޔަ އަހަރު ކުޅުނު މުހިއްމު ގިނަ ކުޅުންތެރިންތަކެއް ވަނީ ބައިވެރިވެފައެވެ. ފައިނަލް ބުރަށް ޓީމު ލިސްޓަށް އިތުރު ކުރީ އަނިޔާގެ ސަބަބުން އަތޮޅު މުބާރާތާއި ޒޯން މުބާރާތުގައި ނުކުޅެވުނު އިތުބާރު ޑިފެންޑަރ އަބްދުﷲ އަބޫބަކުރާއި، އެޓޯލް ޗެލެންޖުގައި ކިހާދޫ ޓީމުން ވިދާލި ޙުސައިން އީމާން (މާނު) އާއި ފެހެންދޫ ޓީމުގެ ޒުވާން ކުޅުންތެރިޔާ މުޙައްމަދު ރީހާންގެ އިތުރުން މީގެ ކުރިން ރަށުގެ ގިނަ މުބާރާތްތަކެއްގައި ކުޅެފައިވާ އަޝްރަފް މުޙައްމަދާއި 2015 ވަނަ އަހަރު ޓީމުގެ ގޯލު ބެލެހެއްޓި ހުނަރުވެރި ކީޕަރު އަޙްމަދު ޝާހިދު އެވެ. މިއަހަރުވެސް ބިދޭސީ އެއްވެސް ކުޅުންތެރިއަކު ޓީމުގައި ހިމަނާފައެއް ނުވެއެވެ.
ރަސްމީ ފާލަމުން ޓީމު ފުރިއިރު ކައުންސިލްގެ މެމްބަރުންނާއި މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން ސަޕޯޓަރުން ބައިވެރިވެ ޓީމަށް ވަނީ ހިތްވަރު ދީފައެވެ. ފައިނަލް ބުރުގެ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު އޭދަފުށި ނިކުންނާނީ ކުޅުދުއްފުއްޓާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި ޖުލައި 10 ވަނަ ދުވަހު ށ. މިލަންދޫއާ ވާދަކުރާއިރު ގްރޫޕުގެ ފަހު މެޗުގައި ޖުލައި 12 ވަނަ ދުވަހު ވާދަކުރާނީ އއ. މާޅޮހާއެވެ.